ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ރާއްޖެ ގެނެސް ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް ތިން ގުނަ ހަލުވިކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ އެއް ހޮޕާ ޑްރެޖަރު ކަމުގައިވާ ކްރިސްޓޮބަލް ކޮލޯން، ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
އެއީ ދުނިޔޭގައި ވެސް ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްގީކުރާ ރަސްމާލެ އަށް ބޭނުންވާ ބިން އުފެއްދުމުގެ މަސައްކަތުގެ ސްޕީޑް ތިން ގުނައަށް އިތުރު ކުރުމަށް ފެށި މަސައްކަތެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރަސްމާލެ އަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ތިމާވެއްޓާ ރައްޓެހި މަޝްރޫއު ކަމަށެވެ.
މާލެ ސަރަހައްދުގެ ހައުސިން މައްސަލަ އަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ހުޅުމާލޭ ފޭސް 3 ހިއްކުމާއި ގިރާވަރު ފަޅު ހިއްކުމަށް ބޭނުންވާ އިތުރު ޑްރެޖަރު ގެނެސް ބިންހިއްކުމުގެ މަސައްކަތް އަވަސް ކުރައްވާނޭ ކަމަށް ރައީސް މީގެ ކުރިން ވަނީ ހާމަ ކުރައްވާފަ އެވެ.
ގިރާވަރު ފަޅުން ޖުމުލަ 160 ހެކްޓަރު ހިއްކުމަށް ހަމަޖައްސާފައިވާއިރު، އެ ޕްރޮޖެކްޓަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރުކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި 2023 ވަނަ އަހަރު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ވާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނަކަށް ކަމަށެވެ.
ކޮމެންޓް