މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ "ކަށަވަރު ޕްރޮމޯ 2025" ފަށައިފި އެވެ.
އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި މި ޕްރޮމޯ ފައްޓަވައިދެއްވީ ކުންފުނީގެ ޗީފް އޮޕަރޭޓީން އޮފިސަރު، ސިނާން އަލީ އެވެ. މި ހަފުލާގައި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށެވެ.
އެމްޓީސީސީން ބުނީ މި ޕްރޮމޯޝަންގެ މަގު ސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށެވެ. މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓްތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއި، ޕީޕީޖ، ކާސްޓްރޯލް، އިންޑަސްޓްރިއަލް ގޭސް، ސްޕެއާ ޕާޓްސް، މެރޯލް ސްޓީއަރިން ސިސްޓަމް އަދި ނަކަޝީމާ ޕްރޮޕެލާ އެވެ.
މި ޕްރޮމޯގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ ޑީއެފް 9.9 ގެ އިންޖީނެއް ލިބޭނެ ކަމަށާއި އަދި އެ އިންޖީނާއެކު، ހަދިޔާ ޕެކޭޖެއްވެސް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
"ކަށަވަރު ޕްރޮމޯ 2025" އަމާޒުކޮށްފައިވާނީ އޮޑިވެރިންނާއި މަސްވެރިންނާއި އިންޖިނިއަރުންނާއި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ގއ. ގދ. އަދި ށ. އަތޮޅަށް ޒިޔާރަތް ކުރުމާއި ކ. އަތޮޅުގެ ބަނދަރުތަކާއި ބޯޓްޔާޑް ތަކުގައި ޕްރޮމޯޝަނަލް އިވެންޓްތައް ބޭއްވުން ހިމެނެ އެވެ.
އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ.
އެ ގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް އެ ކުންފުނިން އަބަދުވެސް ރާވައި ހިންގަމުން ގެންދެ އެވެ.
ކޮމެންޓް