ރާއްޖޭގައި ބިދޭސީންގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެ ގޮތުން ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދު ތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އިސްލާހު ކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަ ދާ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރިއަށް ދާތީ، ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހިދުމަތް ވަނީ މި ވަގުތައް ހުއްޓާލާފަ އެވެ.
މާލޭގައި އާދަޔާ ހިލާފަށް ދުއްވާ އެއްޗެހި ގިނަވެ، ޓްރެފިކުގެ މައްސަލަ އަށް ހައްލެއް ހޯދުމުގައި ކަމާބެހޭ ފަރާތްތަކުން މިއަދާހައަށް ވެސް ވަނީ ނުކުޅެދިފަ އެވެ. މިއީ މާލޭގައި ދިރިއުޅޭ ދެ ލައްކައަށް ވުރެ ގިނަ މީހުންނާ ގުޅިފައިވާ ވަރަށް ސީރިއަސް މައްސަލައެކެވެ.
މާލޭގައި ކަންބޮޑުވާންޖެހޭ މިންވަރަށް ދުއްވާ އެއްޗެހި ގިނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ގަބޫލުކުރެ އެވެ. އެ ކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެތެރެކުރާ ވެހިކަލްގެ އަދަދު މަދު ކުރުން ކަމަށްވާއިރު، މައްސަލައަކީ އެކަން ތަންފީޒު ނުކުރެވުމެވެ.
ކޮމެންޓް