ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާގައި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
ސްޓެލްކޯއިން މިއަދު ކުރި އެކްސް ޕޯސްޓެއްގައި ބުނީ ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި އެ ކުންފުނީގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. ދުއާ އަކީ އެ މުވައްޒަފަށް އަވަސް ޝިފާއެއް ލިބި، އަލުން ހެޔޮ ހާލުގައި ވަޒީފާއަށް ނިކުތުން ކަމަށް ވެސް ސްޓެލްކޯގެ ޕޯސްޓުގައިވެ އެވެ.
އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ. އެއަށްފަހު އޭޑީކޭއަށް ބަދަލުކޮށް، ރާއްޖެއިން ބޭރަށް ފޮނުވާލުމާ ހަމައަށް އޭނާއަށް ފަރުވާ ދެމުން އައީ އެ ހޮސްޕިޓަލްގަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މި ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
މި ނާޒުކު ހާލަތުގައި، އަނިޔާވި މުވައްޒަފުގެ އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ އަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައި ނުވާ މައުލޫމާތު ފެތުރުމުން ވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް ސްޓެލްކޯއިން އިލްތިމާސް އިލްތިމާސްކޮށްފައިވެ އެވެ.
ކޮމެންޓް