ރާއްޖެއާއި ތައިލެންޑާ ދެމެދު ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި މަހުގެ 27 ވަނަ ދުވަހު ތައިލެންޑްގެ ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ތައިލެންޑް ސަރުކާރުގެ ފަރާތުން އެ ގައުމުގެ ކުޅިވަރާއި ބެހޭ ވަޒީރު ޕަތުޕޮންގު ޕޮންގުސަކުލް އެވެ.
މި ވެވުނު އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން މިދާއިރާއިން މީހުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ގޮތުން ކުރެވޭ މަސައްކަތުގެ ތެރޭގައި ކުޅިވަރުގެ ދާއިރާގެ މުވައްޒަފުން ބަދަލު ކުރުމާއި ތަރައްގީކުރުމުގެ އިތުރުން ކުޅިވަރުގެ ތަމްރީނާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަރައްގީ ކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނޭއިރު، ކުޅިވަރުގެ ވަސީލަތްތަކާއި ފެސިލިޓީތައް ތަރައްގީ ކުރުމަށް މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބޭނެ އެވެ.
ކޮމެންޓް