ރާއްޖެއިން އަންނަ އަހަރު ހައްޖަށްދާ ހައްޖާޖީންނަށް ވީހާވެސް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭން މަޝްވަރާކޮށްފި އެވެ.
މި ގޮތަށް މަޝްވަރާކުރީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ސައުދި އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖާ ދެމެދު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މި މަޝްވަރާ ބައްދަލުވުމުގައި 1447 ވަނަ އަހަރުގެ ހައްޖުގައި ދިވެހި ހައްޖާޖީން، މިނާ އަދި އަރަފާތުގައި ތިބޭނެ ތަނާއި އިންތިޒާމުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި ދިވެހި ހައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ވެސް މަޝްވަރާކޮށްފައިވެ އެވެ.
މި ބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފް އެވެ. ސައުދީގެ ހައްޖު މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގަތީ މުސްތަޝާރު ތަފުވީޖު ހާތިމް އަބުދުއްރަހުމާން އައްސާއިގު އެވެ.
މިދިޔަ އަހަރަކީ ދިވެހި ތާރީހުގައި ދިވެހި ހައްޖާޖީންނަށް އެންމެ ފެންވަރު ރަނގަޅު އަދި އިންތިޒާމުތައް ވެސް އެންމެ ފުރިހަމަ އަހަރުކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓް