ލިލީ ފިލްމަށް ބޮޑު ތަރުހީބެއް ލިބި މިހާރު ވަނީ އެތައް ޝޯތަކެއް ހައުސްފުލްވެފައެވެ. ލިލީގެ ޖުމުލަ 10 ޝޯއަޅުވަން ހަމަޖެހެފައިވާއިރު ގިނަ ޝޯތަކެއް ހައުސްފުލް ވުމުގެ ސަބަބުން ވަނީ ދަންވަރު ޝޯތައްވެސް ހުޅުވާލާފައެވެ.
މި ފިލްމު ރިލީޒް ކުރުމުގެ ކުރިން، ޖޫން މަހުން ފެށިގެން ކުރަމުން އައި ޕްރޮމޯޝަންގެ ތެރެއިން ފިލްމަށް އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.
އެ ފިލްމުގެ ޓައިޓަލް ރިލީޒްކުރުމަށް ކުރި ކެމްޕޭންގައި، ސޯޝަލް މީޑިއާގައި ގިނަ ބަޔަކަށް ލިލީ މާ ބަހާފައިވުމުން، މުޅި ރާއްޖޭގައި އެދުވަސްވަރު އޮތީ އެވާހަކައެވެ.
ކްރިއޭޓިވް ނެޓްވޯކްއިން ޕްރޮޑިއުސްކޮށް، އަޒްހާން އިބްރާހީމް ޑައިރެކްޓު ކުރާ، ކްރައިމް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަކީ ކުޑަކުދިންނަށް ދިމާވާ އަނިޔާތަކާއި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެނެއްގެ ހިތި ދިރިއުޅުމަކުން އަރައިގަތުމުގެ ތަޖުރިބާ ގެނެސްދޭނެ ފިލްމެކެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި އައިޝާގެ އިތުރުން މުހައްމަދު އިޝްފާން، އަހުމަދު ޝާރިފް، މަރިޔަމް ޝިމާ ފެނެއެވެ. މީގެ އިތުރުން ދިވެހި ސިނަމާގެ ސިނިއާ ތަރިން ކަމަށްވާ އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އާރިފާ އިބްރާހީމް އަދި އަލީ ފާރޫޤު ވެސް މި ފިލްމުން ފެނެއެވެ.
މި ފިލްމުން މިހާތަނަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފައެވެ.
ކޮމެންޓް