މި ފަހުން އޮލިމްޕަހުގައި އެޅުވި ދިވެހި ފިލްމް އިލްޒާމްގެ ހައުސްފުލް އެތައް ޝޯތަކަށްފަހު އިލްޒާމް ވަނީ މިހާރު ހުޅުމާލެ ޝުވެކް ސިންމާއަށް އައުމަށް ތައްޔާރުވެފައެވެ.
އިލްޒާމް އަޅުވަން ހަމަޖެހެފައިވަނީ މި މަހުގެ 20،21،22 ގައެވެ. އަދި އިލްޒާމް ގެ ޓިކެޓް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާނެކަމަށް އިލްޒާމް ޓީމުން ވަނީ ބުނެފައެވެ. ފިލްމްގެ ޓިކެޓް އެމްސިކްސް ގިފްޓުން ލިބެން ހުންނާނެއެވެ.އަދި އޮންލައިންކޮށް ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން 7732010 އަށް ގުޅައިގެން ޓިކެޓް ނެގުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އިލްޒާމް އޮލިމްޕަހުން ކާމިޔާބު ކަމާއެކީ ނިންމާލިނަމަސް ދެވަނަ ފަހަރު އިލްޒާމް ބަލާލަން ބޭނުން މީހުން ވަކި މަދެއް ނޫނެވެ.
މި ފިލްމުގެ ހައުސްފުލް ގިނަ ޝޯތަކެއް އޮލިމްޕަހުގައި ދައްކާފައިވާއިރު ފިލްމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބެފައެވެ. މީ ފިލްމް ރީތި ކަމުގެ އެއް ހެއްކެވެ.
މި އަހަރަކީ ދިވެހި ސިނަމާއަށް އެންމެ ބާރު ބޮޑު އަހަރެވެ. ފުލުފުލުގައި ފިލްމުތައް ދަނީ ދައްކަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި "އިލްޒާމް" އަކީ މި އަހަރު ސްކްރީން ކުރި އެންމެ ރީތި ފިލްމެވެ.
ޔޫއްޕެ ޕްރޮޑަކްޝަނުން ޑައިރެކްޓްކޮށް، ދެކެދެކެވެސް ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމް ރާއްޖެތެރޭގެ އިތުރުން ރިސޯޓުތަކުގައިވެސް ވަނީ އަޅުވާފައެވެ.
މި ފިލްމަކީ ދިވެހި މުޖުތަމައުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމައުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ. ހާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދެއެވެ.
މި ފިލްމްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އެގޮތުން، އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު [ދަރާ] ޔޫސުފް ޝަފީއު ]ޔޫއްޕެ]، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، އަޙްމަދު ސައީދު، މުހައްމަދު ފައިސަލްގެ މުހިއްމު ރޯލްތަކެއް މި ފިލްމުން ފެނިގެން ދިޔައެވެ.
މީގެ އިތުރުން މިހާރު އަރަމުން އަންނަ ތަރިން ކަމަށްވާ މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް[ޑޯރާ]، ލައިޝާ ލަތީފް (ލައި)މި ފިލްމުން ފެނިގެން ގޮސްފައިވާއިރު، މި ފިލްމުގައި ޝިފާ އަދި ލައި ދައްކުވައިދީފައިވާ މޮޅު އެކްޓަށް ޕްރިމިއާ ޝޯ ބެލި ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ކޮމެންޓް