ގިނަ އަދަދެއްގެ ޑްރަގްސްއާއެކު މާލެއިން ބަޔަކު ހައްޔަރު ކޮށްފި

--

މަސްތުވާތަކެއްޗާއެކު މާލެއިން ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި އޮކްޓޫބަރު 19 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން ތިން ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ / އެވަރގްރީން، މުހައްމަދު އައިޝަރު ޔޫސުފް، ކ. ކާށިދޫ / އަންދަލީބުގެ، މުހައްމަދު މައިހާން ފަޔާޒް އަދި ދ. ކުޑަހުވަދޫ / ރަނަކުރި، އިބްރާހީމް މާޖިދު އެވެ.

ފުލުހުން ބުނެފައިވަނީ ބަލައިފާސްކުރި ތިން ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 86،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1142.04 ގްރާމު ހުރި ކަމަށެވެ.

މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އައިޝަރު ޔޫސުފް 15 ދުވަހަށް އަދި މުހައްމަދު މައިހާން ފަޔާޒާއި އިބްރާހީމް މާޖިދު ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ. ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy