ވާހަކަ: ޙަޔާތު (އަށްވަނަ ބައި)

ލިޔުނީ: މަރިޔަމް މޫސާ

"ނޭނގެ އެއްވެސް މީހަކު ނުދެކެން، އެއުޅޭ ޔާސިރު އުޅޭކަން އެނގޭ." ހަޔާތު އެނދުގައި އޮށޯވެލަމުން ބުންޏެވެ. ކުޑަކޮށް ހެދުން އެއްފަރާތް ކޮށްލަމުން އެނދުގައި ހަމަޖެހިލިއެވެ.

"ދެން ކޮމެޔަކަސް ރީތި ތަނެއް މިއީ، ވަށައިގެން މޫދު... އިރުއޮއްސޭ މަންޒަރު ވެސް ސަޅިކޮށް ފެންނާނެ." އާފުރިލަމުން ހަޔާތު ބުންޏެވެ. ހަޔާތު ދޫމާ އާއި ވާހަކަ ދައްކަމުން ދިޔައެވެ. އިރުކޮޅަކުން ހަޔާތު އަށް ނިދުނެވެ. އަތުން ފޯނު އެނދުމައްޗަށް ވެއްޓުނެވެ. ދޫމާ އަށް ހަޔާތު އަށް ނިދުނީކަން އެނގުމުން ފޯނު ކަނޑާލިއެވެ.

​ކޮޓަރި ތެރެއަށް އަނދިރި ވަމުން ދިޔައެވެ. ހަޔާތު އަށް ނިދިފައި އޮތެވެ. ހަޔާތު އަށް ހަމަނިދި ނުލިބޭތާ އެތަށް ރެއެކެވެ. މައުރޫފްގެ ޙަބަރެއް ނުވާތީ ކަންބޮޑުވުން އިތުރުވެފައި ވެއެވެ. ގޭންބޭރަށް ފިޔަވަޅެއް އަޅަން ނުކެރި އުޅުނީއެވެ. އަރީޝާގެ މަލާމާތާއި ޒޫނާގެ ހަޅޭކާއި ބޮޑުބޭބެގެ ރުޅިވެރި ބަސްތަކާއި ދުރަށް ހަމަހިމޭން ތަނަކަށް އާދެވުމުން ލޯމަރާލެވުނީއެވެ.

​ފަޒާލް ދޮރުހުޅުވާލައިފައި މަޑުމަޑުން އެތެރެއަށް ވަނެވެ. ކޮޓަރި ތެރެއަށް ބަލާލަމުން މަޑުފިޔަވަޅުގައި އެތެރެއަށް ދިޔައެވެ. ހަޔާތު އަށް ނިދިފައި އޮތްތަން ފެނުމުން ފަޒާލް އިރުކޮޅަކު ހަޔާތުގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ހަޔާތުގެ އަރާމު ނިދިން ހޭލައްވާލާކަށް ފަޒާލް ބޭނުމެއް ނޫނެވެ. އެކަމަކު ކައިވެނިކުރާ ވަގުތު ކުޑަތަންވަމުން ދާތީ ގޮވަން ޖެހެއެވެ. ދޮރުގައި ޓަކިޖާލުމުން ފަޒާލް ގޮސް މަޑުމަޑުން ދޮރުހުޅުވައިލިއެވެ. ހަޔާތު ތައްޔާރު ކުރަން ދެކުއްޖަކު އައީ އެވެ.

​"ވަދޭ އެތެރެއަށް، ނިދިފައި އޮތީ..."ފަޒާލް ވަރަށް މަޑުމަޑުން ބުނެލިއެވެ.

​"ގޮވާލަންވީތޯ؟"މޭކަޕްކުރާ ކުއްޖާ ސުވާލު ކޮށްލިއެވެ.

​"އާން... އަހަރެން ބޭރުގައި މަޑުކޮށްލާނަން."ފަޒާލް ކޮޓަރިން ބޭރަށް ނިކުތެވެ. އެތަނުން އެއްކުއްޖަކު އެނދާއިދިމާ އަށް ގޮސް ހަޔާތު އަށް މަޑުމަޑުން ގޮވައިލިއެވެ. ހަޔާތު ލޯ ހުޅުވާލާފައި ސިހިފައި ކޮޅަށް ތެދުވިއެވެ.

​"ކޮންބައެއް؟"ކަންބޮޑު ވުމާއި އެކީގައި ހަޔާތު ސުވާލު ކޮށްލިއެވެ.

​"ވެޑިން އަށް ތައްޔާރު ކުރަން މިއައީ."މަޑުމަޑުން އަދަބުވެރި ކަމާއި އެކީގައި އެތަނުން ކުއްޖަކު ބުންޏެވެ.

​"ތައްޔާރު ކުރާށޭ."ހަޔާތު ޙާއިރާން ވިއެވެ. ދެކުދިން ހިނިތުން ވެލިއެވެ.

​"އަޅުގަނޑު މިއީ ޒާރާ... ދެން މިހިރީ ސޯފީ."ޒާރާ އަމިއްލަ އަށް ތައާރަފު ވިއެވެ.

*****************

​"އޭއި ބަލަ ތައްޔާރު ވާން ނުދަނީތަ؟ އިޝާނަމާދުން ފައިބައިގެން ގާޒީ ގޮވައިގެން ލޯންޗު މިކޮޅަށް އަންނާނެ."އަތޫފް މޭޒުމަތީގައި އުއްބައްތި އަތުރަމުން ބުންޏެވެ.

​"އަހަރެން ތައްޔާރުވާ ގިނައިރެއް ނުނަގާނެ."ފަޒާލް މޫދާއި ދިމާ އަށް އެނބުރިލަމުން ބުންޏެވެ.

​"މަބުނީ އަދިވެސް މަށަކަށް ނުވިސްނޭ މީނަ ކުރަން މިއުޅޭ ކަމެއް، ހަޔާތުގެ ގޭމީހުންނަށް،ރަށު މީހަކަށް މިކައިވެނީގެ ހަފްލާ އަކަށް ނުކިޔާ. ހަމައެކަނި އަހަރުމެން ދެމީހުން... އަނެއްކާ ގާޒީވެސް އިއްޔެ އައްޑޫ އަށް ގެނައީ ވާދޫން، ކައިވެނި ކޮށްދިނުމާއި އެކީގައި އެސޮރު ވަގުތުން އެރަށަށްދާން ޖެހޭ."އަތޫފް ވިސްނާލަމުން ބުންޏެވެ.

​"ނޭނގޭނެ... ހޯދަން ނުވެސް އުޅޭތި."ހިނިގަނޑެއް ޖަހާލަމުން ޔާސިރު ބުންޏެވެ.

​"ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ކާވެނި ސައްހަވަނިކޮށް ނިމުނީއެއްނު، އަޅެދޮގެއް ޔާސިރު؟"ފަޒާލް ތުންފަތް މައްޗަށް ހިނިތުން ވުމެއް ގެންނަމުން ބުންޏެވެ.

​"މިއީ ހަމަ އެކަނި ކާވެންޏެއް، އަދި ބޮޑު ޕާޓީ އޮތީ ދުބާއީގައި ދޯ."ފަޒާލަށް ބަލާލަމުން ޔާސިރު ބުންޏެވެ.

​"ދެން އައްޑޫން ގަންނަން އުޅުނު ބިމޯ؟ އަހަރެން ހީކުރީ އެރޭން އެރެއަށް ބިމެއް ވެސް ގަތީކަމަށް."އަތޫފް ބުންޏެވެ.

​"އެވެސް މިޑްރާމާގެ ބައެއް."ފަޒާލް ލުއި ހިނިތުންވުމެއް ތުންފަތް މައްޗަށް ގެންމުން ބުންޏެވެ.

​"ގޭމް ކުޅެން މިޖެހެނީ ވަރަށް ވިސްނައިގެން، ކިންގް ސަލާމަތް ކުރަން އެބަޖެހޭ."ޔާސިރު ފަޒާލްގެ ކޮންޑުގައި ޖަހާލަމުން ބުންޏެވެ.

​"ނޫނޭ ކިންގް އެއްނޫން، ކުއީން... އަބަދު އެއްގޮތަަކަށް ކުޅެނީ ކީއްކުރަން؟މިފަހަރު އަހަރެން މިގޭމް ބަދަލު ކޮށްގެން މިކުޅެނީ."ފަޒާލް ސަމާސާ ރާގަކަށް ބުންޏެވެ.

​"އޯކޭ އަހަރެން މިދަނީ ނަމާދު ކޮށްލައިގެން ތައްޔާރު ވެލަން. އިޝާ އަށް އެގޮވީ."ފަޒާލް ކޮޓަރިޔާ ދިމާ އަށް ހިނގައިގަތެވެ. އަތޫފް އާއި ޔާސިރު ވާހަކަ ދައްކަން މަޑުކޮށްލިއެވެ. ދުރުން ލޯންޗު އަންނަތަން ފެނުމުން އަތޫފް އެދިމާއަށް ހަނާއަޅަން ފެށިއެވެ.

​"އަހަރެން މިފަހަރު ދުބާއީ އަކަށް ނުދަން."ޔާސިރު މޫދާ ދިމާއަށް ބަލައިލަމުން ބުންޏެވެ.

​"ކިހިނެއްވީ؟"އަތޫފް އަހައިލިއެވެ.

​"އެތާގެ ހަނދާން ތަކާ ދުރުވާން ބަހާނެއް ހޯދަންޖެެހޭތީ."ޔާސިރު ހީލަމުން ބުންޏެވެ.

​"އޯޙް... ސަނާ..."އަތޫފް ބުނެލިއެވެ. އޭރު ލޯންޗު އައިސް ސަފާރީ އާއި ކައިރިކުރިއެވެ.

​"ދެން ސަނާ އެކަން ޏެއްނޫން، ދުބާއީގެ ތަޖުރިބާ އަހަރެންނަށް އެހާ ރަނގަޅު ނޫނީ."ޔާސިރު ބުންޏެވެ.

​"ފަޒާލް ވަރަށް އެކަނި ވާނެ، އަހަރެންގެ ވަޒީފާވެސް މިފަހަރު ފުރާންސައް ބަދަލުވީ."އަތޫފް ބުނެލިއެވެ.

​"ބަދަލުވީއޭ، އެއީ ކަލޭ ބޭނުންވި ގޮތް، އަވަހަށް ކަންކަމުން ބަޗަންވެގެން، ދެން ކިހާ އަރާމުގައި އުޅެވޭނެ."ޔާސިރު ދިމާ ކޮށްލިއެވެ.

​"ދެން ކޮބާ މައްސަލަކީ؟ މުސާރަ ނުލާހިކު ބޮޑު."އުފާވެރި ރާގެއްގައި ބުންޏެވެ.

​"ފަޒާލް ކިހާ ދެރަވާނެ، އަހަރުމެން ދެމީހުން އޭނަ އެކަނި ކޮށްލީމައި."ޔާސިރު ބުންޏެވެ.

​"އާން... އެކަމަކު ފަޒާލް އޯކޭ އޭ އަހަރެން ފްރާންސަށް ދިޔަޔަސް."ހީލަމުން އަތޫފް ބުނެލިއެވެ.

​"އޭނަ އޯކޭ އެއް ނޫން، އަސްލު އަންނަ އަހަރުގެ އެގްޒިވިޝަނަށް އޭނަ އެކަނި ކިހިނެއް ތައްޔާރު ވާނީ."ޔާސިރު ވިސްނައިލިއެވެ.

​"ހޫން... އެކަމަކު އަހަރެންނަށް ދެން އިތުރު އޮފޯއެއް ނުލިބޭނެ، މިއީ ވަރަށް ރަނގަޅު ޗާންސްއެއް އަހަރެންނަށް ލިބުނު."އަތޫފް ބުންޏެވެ.

​"ދެން އަތޫފް ދޭ... އަހަރެން މަޑުކޮށްލާނީ، ފަޒާލް އެކަނި ދޫކޮށްލާފައި ދާކަށް ނުކެރޭނެ،އޭނަ އަހަރުމެންނަށް ކިހާ ހެލްޕެއް ވިތަ؟ އަނެއްކާ އޭނަގެ ބައްޕަގެ ބިޒްނަސްއާއި ވަކިން އަހަރުމެންނާ އެކީގައި މަސައްކަތް ކުރަން ކޮންޕެނީ ހެދީވެސް."ޔާސިރު މަޑުމަޑުން ބުންޏެވެ.

​ލޯންޗުން މީހުން ސަފާރީ އަށް އަރަމުން ދިޔައެވެ. އަތޫފް އާއި ޔާސިރު އެދިމާ އަށް ދިޔައެވެ. އަދި އެމީހުންނަށް މެހެމާން ދާރީ އަދާކުރަމުން ދިޔައެވެ.

​ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލިއެވެ. ދެފަރާތައް ބޯހަރަކާތް ކޮށްލިއެވެ. "އާފްޓަރ ޝޭވް"ފުޅިން ނެގުމަށްފަހު އަތަށް އޮއްސައިލިއެވެ. އެއަށް ފަހު ދެއަތް ދެއަތަށް އުނގުޅާލުމަށްފަހު ޝޭވްކޮށްފައިވާ ދިމާލުގައި އުނގުޅައިލިއެވެ. އޭރުވެސް ފަޒާލްގެ ނަޒަރު ލޯގަނޑަށް ހުއްޓިފައި ހުއްޓެވެ. އުފާވެރި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިވެގެން ދިޔައެވެ. އެނދުމަތީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ފަޒާލް ފަސް އެނބުރި އެނދާދިމާ އަށް ބަލައިލިއެވެ. އަދި ލޯގަނޑު ކައިރިން ދުރަށް ގޮސް ފޯނު ނަގައި ބަލައިލިއެވެ.

ފޯނުން ވާހަކަ ދައްކަމުން ފަޒާލް ކޮޓަރިން ނިކުމެ ޔާސިރު މެންނާ ދިމާ އަށް ދިޔައެވެ. އެވަގުތު އަތޫފް އާއި ވާހަކަ ދައްކަން ހުރި ގާޒީ ފެނުނެވެ.

"ސޮރީ، ވަގުތު ފާއިތުވެއްޖެ."ފަޒާލް އެހެން ބުނެލަމުން ފޯނު ކަނޑައިލިއެވެ.

"ކާކުގެ ފޯނެއް؟"ޔާސިރު އަހައިލިއެވެ.

"އެކަމާ އަޅާނުލާ." އެހެން ބުނެލަމުން ޔާސިރުގެ ކަންފަތް ދޮށުގައި ސިއްރުން އެއްޗެއް ބުނުމުން ޔާސިރު ހަޔާތު ހުރި ސުއިޓާއި ދިމާ އަށް ހިނގައިގަތެވެ. ދޮރުގައި ޓަކިޖާހާލުމުން ޒާރާ ގޮސް ދޮރު ހުޅުވައިލިއެވެ.

​"ކޮބާ އަދި ނުނިމޭތަ؟"ޔާސިރު މަޑުމަޑުން އަހައިލިއެވެ.

​"ނިމިއްޖެ."ޒާރާ ބުންޏެވެ.

​"ގޮވައިގެން އާދޭ އިނގޭ."ޔާސިރު އެހެން ބުނެފައި ހިނގައިގަތެވެ.

​އިރުކޮޅެއްފަހުން ހަޔާތު ގޮވައިގެން ޒާރާ އާއި ސޯފިޔާ ކޮޓަރިން ބޭރަށް ނިކުތެވެ. އެއްކޮޅުން ހަޔާތު ލައިގެން ހުރި ބަރު ހެދުން ސޯފިޔާ އުފުއްލަމުން ރަނގަޅު ކުރަމުން އައެވެ. ހަޔާތު އެއްވެސް ދިމާ އަކަށް ނުބަލައި އިސްޖަހައިގެން ކުރިޔަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އޭނަޔަށް އޭނަގެ ސިފަ ލޯގަނޑުން ރަނގަޅަށް ބަލާލާކަށް ވެސް ފުރުސަތެއް ނުލިބުނެވެ. ފަޒާލް ވާހަކަ ދައްކަން ހުއްޓާ އަތޫފް ފަޒާލްގެ ކޮންޑުގައި ޖަހާލަމުން ހަޔާތު އަންނަ ވާހަކަ ބުނުމުން ފަސް އެނބުރި ބަލައިލިއެވެ. ހަޔާތު އިސްޖަހައިގެން ހުރެ ކުރިޔަށް ފިޔަވަޅު އަޅަމުން ދިޔައެވެ. ވަގުތު ކޮޅަކަށް ހަޔާތު އިސްއުފުލާލިއެވެ. ކައިރީގައި ހުރި ޒާރާ ބުނެލުމުންނެވެ. އެވަގުތު ހަޔާތު އަށްފެނުނީ އުއްބައްތި ތަކުން މުޅިތަން ހުޅުދާން ކުރެވިފައިވާތަނެވެ. 10 މީހަކަށް ޚާއްޞަކުރެވިފައިވާމޭޒުމަތީގައިވަނީ އުއްބައްތީގެ 4 ފާނޫޒު ހުއްޓެވެ. މޭޒުމަތީގައި ކޯޓުން އައިސްތިބި ކުދިންގެފައިލުއޮތެވެ. ހަޔާތު އާއި ފަޒާލް އަށް ހާއްސަ ކުރެވިފައިވާ ދިމާލުގައި ބޮޑު ރަތްފިނިފެންމާ ބޮނޑިއަކާ ކައިވެނީގެ ރަން ކުޑަ ބިއްލޫރި ފޮޓެއްގައި ބައްދު ކުރެވިފައި ހުއްޓެވެ.

​"ދެން ދޭ ގޮވައިގެން އަންނަން ވަރަށް ފިލްމީ ވެލައްޗޭ އިނގޭ."ޔާސިރު ދިމާކޮށްލިއެވެ.

ފަޒާލް ހީލިއެވެ. އަދި މަޑުމަޑުން ހަޔާތު އާއި ދިމާ އަށް ދިޔައެވެ. ހަޔާތު އަށް މީހަކު އޭނަޔާދިމާއަށް އަންނަ މަންޒަރު ފެނުމުން އަވަސް އަވަހަށް އިސްޖަހައިލިއެވެ. ހާޔާތު އާއި އަރާހަމަވެފައިފަޒާލް ހަޔާތު އާއި ދިމާ އަށް އަތް ދިއްކޮށްލިއެވެ. ހީވީ ޔާސިރު ބުނިގޮތަށް ފިލްމީ ވެލިހެންނެވެ. އޭރުވެސް ހަޔާތު ހުރީ އިސްޖަހައިގެން ނެވެ. ފަޒާލްގެ ސިފަ ފެނިއްޖެއްޔާ ވަގުތުން އަނބުރާގަންނާނެކަން އޭނަޔަށް އެނގެއެވެ. ހަޔާތު ފަޒާލަށް ބަލާލުމެއް ނެތި ފަޒާލްގެ އަތުގައި ހިފިއެވެ. މިވަގުު ނުހިފިޔަސް ފަހުން ވެސް ހިފަން ޖެހޭނީ އެއަތުގައި ކަން އޭނަޔަށް އެނގެއެވެ. ފުރިހަމަ އަށްފަޒާލްގެ މީހަކަށް ވާން މިނެޓްކޮޅަކަށް ވީއެވެ. ފަޒާލް ހަޔާތުގެ އަތުގައި ހިފައިގެން ގޮސް މޭޒުދޮށުގައި އިށީނެވެ. ފަހަތުން އަތޫފް އާއި ޔާސިރު ވެސް އިށީނެވެ. މޭކަޕް ކުރަން އައީ އަތޫފްގެ ކޮއްކޮއެއް ކަމަށްވާ ޒާރާ އެވެ. ދެން ޒާރާގެ އެކުވެރި ސޯފިޔާ އެވެ. އެމީހުން މާލޭން އައްޑޫ އަށް އައީ މިއަދުހެނދުނެވެ. އެދެކުދިން ވެސް މޭޒު ދޮށުގައި އިށީނެވެ.

ގާޒީ ކައިވެނީގެ ހުތުބާ އިއްވަމުން ދިޔައެވެ. ކަނުލާ އެހުތުބާ އަޑު އަހަމުން ހަޔާތު ދިޔައެވެ. އޭނަޔަށް ކުރިން ވެސް ވަނީ އެހުތުބާގެ އަޑުއިވިފައެވެ. އެކުވެރި ފިރާޝާ މީހަކާ އިންރޭއެވެ. އެރޭކައިވެނީގެ ހުތުބާ އިއްވަމުން ދިޔައިރު މައުރޫފް ސިއްރުސިރުން ބުނި ޖުމްލަ އިވުނު ކަހަލަ އެވެ.

"އަހަރުމެންގެ ކައިވެނި ކުރާ ރޭ ވެސް މިހުތުބާ އިއްވާނެދޯ. ކުރީބައިގައި ވާނެ ހުތުބާދަސްކޮށްލަން." މައުރޫފް ސަމާސާ ރާގަކަށް ބުންޏެވެ.

އެވަގުތު ކޮޅު ހިތަށް އެރުމުން ހަޔާތުގެ ދެލޯ އަނެއްކާވެސް ފެންކަޅިވިއެވެ. މައުރޫފް މަތިންހަނދާން ކުރާކަށް މިހާރު އޭނަ ބޭނުމެއް ނޫނެވެ. ހުތުބާގައި ކިޔަމުން ދާ ޖުމްލަތަކުން ހަޔާތުގެހިތަށް އަސަރު ކުރުވަމުން ދިޔައެވެ. ވަފާތެރި ވުމާއި އޯގާތެރި ވުމާއި އެކަކު އަނެކަކަށް ކަމޭހިތުމެވެ. ލޯބި ވުމާއި ލޯބި ދިނުމެވެ. ފިރިއެއްގެ ވާޖިބެވެ. އަންބެއްގެ ވާޖިބެވެ.

ގާޒީ ކުރަމުން ދިޔަ ސޫވާލު ތަކަށް އަދަބުވެރި ކަމާއި އެކީގައި ހަޔާތު ޖަވާބު ދެމުން ދިޔައެވެ. ފަޒާލް ވެސް އެސުވާލު ތަކަށް ޖަވާބު ދެމުން ދިޔައެވެ.

"މިކައިވެނި މިކުރެވެނީ އެއްވެސް މަޖުބޫރެއް އޮވެގެންތަ؟"ގާޒީ ސުވާލު ކޮށްލިއެވެ.

އެސުވާލަށް ދޭނެ ޖަވާބެއް ދެމީހުން ކުރެ އެކަކު އަތުގައި ވެސް ނެތެވެ. އިރުކޮޅަކަށް ހިމޭން ވިއެވެ. އެކަމަކު އެހިނދުކޮޅުގައި ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ.

"ނޫން..."ހަޔާތުއާއި ފަޒާލަށް ބުނެވުނެވެ.

އޭރުވެސް ހަޔާތު އިނީ އިސްޖަހައިގެން ނެވެ. ފަޒާލް ހަޔާތު އަށް ބަލައިލިއެވެ. އެސުވާލަށް ހަޔާތު އެގޮތަށް ޖަވާބު ދިނުމުން ނެވެ. ކައިވެނިކޮށް ނިމި ސަލާމް ކުރަމުން ދިޔައެވެ. ފަޒާލް ގާޒީ އާއި ސަލާމް ކޮށް ލިއެވެ.

"ރަނގަޅަށް އުޅޭތި. ބައްޕަގެ އެދުމަށް މިކައިވެނި ކޮށްދޭން މިހާދުރަށް މިއައީ. އަނބިމީހާ ހިތުގައި ޖެހޭ ކަމެއް ނަމަނަމަ ނުކުރާތި. ލޯބިން ގެންގުޅޭތި އިނގޭ."އޯގާތެރި ރާގެއްގައި ގާޒީ ފަޒާލަށް ބުންޏެވެ.

"ލައްބަ..."ފަޒާލް ހީލަމުން ބުންޏެވެ. އެވަގުތު ފަޒާލްގެ ފޯނު ރިންގުވާން ފެށިއެވެ. ފަޒާލް މަޑުމަޑުން އެމީހުންނާ ދުރަށް ޖެހިލާފައި ފޯނަށް ޖަވާބު ދިއެވެ.

"ހަލޯ. ބައްޕާ..."ފަޒާލް އެހެން ބުނަމުން އެނބުރިލި ވަގުތު ލޯންޗުގެ ފެންސްކައިރީގައި ވެޑިންޑްރެސްގައި ހުރި ހަޔާތު ފެނުނެވެ. ފަޒާލަށް އިތުރަށް ވާހަކަ ދައްކާހާ ހިތްވަރެއް ނުލިބުނެވެ.

"ބައްޕާ އިރުކޮޅަކުން ގުޅާނަން....އޯކޭ ފޮޓޯ ފޮނުވާނަން. ސަލާމް."ފަޒާލް ފޯނު ޖީބަށް ލިއެވެ.

ފަޒާލް މަޑުމަޑުން ހަޔާތު އާއި ދިމާއަށް ދިޔައެވެ. ސަފާރީގައި ދިއްލާފައިވާ އުއްބަޑިގެ ފަނޑު އަލިން މީހާ ވަހިކުރަން އެނގެނީ ކިރިޔާއެވެ. ރެއަކީ ހަނދުވަރު އެހާސާފު ރެއަކަށް ނުވާތީ ހިސާބުގަނޑުގައިވަނީ ކަނނުއަދިރިކަން ވަކި ހިއްޕާލާފައެވެ. އުޑުގެ ރީތިކަން ފެންނަނީ ވަރަށް ކުޑަކޮށެވެ. ފެންސްގަނޑުގައި ހިފަހައްޓާާލައިގެން ހަޔާތު ދުރުން ފެންނަމުން ދާ ކަނނުއަދިރިގަނޑަށް ބަލަމުން ދިޔައެވެ. ހީވަނީ އެ އަނދިރި ގަނޑުން އަލިކަމެއް ފެނޭތޯ ބަލަނީހެންނެވެ. ފަޒާލް ގޮސް ހަޔާތު ގެ ފަހަތުގައި މަޑުކޮށްލިއެވެ. އަދި ހަޔާތުގެ އުނަގަނޑުގައި ހިފަހައްޓައިލިއެވެ. ހަޔާތު ފަހަތަށް އެނބުރި ކާކުތޯ ބަލަން ނުހަދާ ދުރަށް ބަލަހައްޓައިގެން ހުރީއެވެ. ފަޒާލް ޖަހާފައިވާ "1މިލިޔަން ލަކްސް އެޑިޝަން" ސެންޓްގެ ވަހަކީ މިހާރު ހަޔާތު އަށް އޮޅުވާލެވޭނެ ސެންޓެއް ނޫނެވެ. ރަންކީ ރޭ ކާރުގައި ދިޔައިރުވެސް ހަޔާތުގެ ހިތް ރޮމުން ދިޔައިރު ކިރިޔާވެސް ހިންހަމަ ޖެހުމެއް ލިބުނީ ފަޒާލް ޖަހާފައިވާ "1މިލިޔަން ލަކްސް އެޑިޝަން"ސެންޓުން ދުވާ މީރު ވަހުންނެވެ. މިއަދު ހަވީރުވެސް ކޮޓަރިޔަށް ސިއްރުން ވަނީ ފަޒާލް ކަން އެނގުނީ ހަމަ އެސެންޓް ގެ ވަހުންނެވެ. މިވަގުތު ފަހަތުން އައިސް ބައްދާއެލީ ފަޒާލް ކަންވެސް އެނގުނީ ހަމަ އެސެންޓްގެ މީރު ވަހުންނެވެ. ކުރިޔަށް އޮތްތާގައި ފަޒާލްގެ ސިފަ ނޭނގުނަސް ސެންޓްގެ ވަސް އެނގޭނެ ކަންޔަގީނެވެ. ފަޒާލް އެއްވެސް ވާހަކަ އެއް ނުދައްކާ ކުރިޔަށް ބަލަހައްޓައިގެން ހުރީއެވެ.

"އޭއި އޯއި ދެމީހުން މިވަގުތު ކޮންމެހެން ޓައިޓޭނިކް ކުޅޭނެ ކަމެއް ނެތް. މިކޮޅަށް އާދޭ ފޮޓޯ ނަގަން." ޔާސިރު އަޑުގެ ކޮޅަށް ގޮވާލިއެވެ. ޔާސިރުގެ އަޑަށް ފަޒާލް ފަސް އެނބުރި ބަލާލިއެވެ. އޭރުވެސް ހަޔާތުގެ އުނަގަނޑުގައި ހިފަހައްޓާލާފައި ހުރި ގޮތަށް ހުރީއެވެ. އަދި ޔާސިރަށް ދެލޯ އަޅާލަމުން އަނެއްކާވެސް ހަޔާތު އާއި ދިމާ އަށް އެނބުރިލިއެވެ.

"ދެން އޮތީ އަހަރުމެންގެ މަސައްކަތް. އެދެމީހުން ފޮޓޯ ނަގާކަށް ނާންނާނެ. އަހަރުމެންނަށް ކުރެވުނު ވަރެއް ކުރަން ހިނގާ..." އަތޫފް ކެމެރާ އެދިމާ އަށް އަމާޒު ކޮށްލަމުން ބުންޏެވެ. އޭރު ޒާރާ ފޯނުން ފޮޓޯ ނަގަން އެދިމާ އަށް ދިއްކޮށްލިއެވެ.

"ނޫން ޒާރާ. ފޯނުން ފަޒާލްގެ ފޮޓޯ ނުނަގަންޗޭ."އަތޫފް ބުނެލިއެވެ.

"ކިހިނެއްވީ؟"ޒާރާ ސުވާލު ކޮށްލިއެވެ.

"އެއީ ފަޒާލް އެހާ ލައިކްވާ ކަމެއް ނޫން އެހެންވެ. އިނގޭ."އަތޫފް ޒާރާ އަށް ބުންޏެވެ.

"އެކަމަކު ކީއްވެ؟" ޒާރާ ޙައިރާން ކަމާއި އެކީގައި އަހާލިއެވެ.

"އޭނަގެ ސޫރަ އެހެން މީހުންނަށް ދައްކާކަށް އޭނަ ބޭނުމެއް ނުވާނެ. އެހެންވެ." އަތޫފް ބުންޏެވެ.

"އޯކޭ."ޒާރާ ބުންޏެވެ. އަތޫފް ފޮޓޯ ނަގަމުން ދިޔައެވެ.

ސޯފިޔާ އާއި ޒާރާ ވާހަކަ ދައްކަމުން ކާންތައްޔާރު ކޮށްފައި ހުރި މޭޒު ކައިރިޔަށް ދިޔައެވެ. އޭރު ދެން ތިބި މީހުން ކެއުން ކުރިޔަށް ގެންދިޔައެވެ.

"ޒާރާ. އެއީ ވަރަށް ރީތި ބޯއީއެއް ދޯ."ސޯފިޔާ ޒާރާ އަށް ބުންޏެވެ. އޭރުވެސް ސޯފިޔާގެ ނަޒަރު ހުއްޓިފައި ހުރީ ފަޒާލް އަށާ ހަޔާތު އަށެވެ.

"މަށައް އެކަޕަލް ސަޅީ. ހަޔާތު ވެސް ވަރަށް ރީތި. އޭނަގެ ސްކިން ވެސް."ޒާރާ ތައްޓެއް ނަގަމުން ބުންޏެވެ.

"އާން. ވަރަށް ނަސީބު ރަނގަޅު ކުއްޖެއް. އޭނަގެ ހަސްބަޑް އެހާ ސަޅިވީމައި."ސޯފިޔާ ބުންޏެވެ.

"މިރޭ ކިހާ އިރަކު ދަނީ. ސަފާރީގައި މަޑުކުރަނީތަ؟"ސޯފިޔާ އަހާލިއެވެ.

"ނޫން. އަތޫފް ބުނީ ހިތަދޫގައި ޔޯ މިރޭ މަޑުކުރަނީ. އިރުކޮޅަކުން ލޯޗު ނައްޓާލާނެ. އަވަހަށް ކައިގެން ރެޑީވަމާ ހިނގާ."ޒާރާ ބުންޏެވެ.

"އެހެންތަ؟ އަހަރެން ހީކުރީ މިރޭ މިތާ މަޑުކުރަނީ ކަމަށް."ސޯފިޔާ ބުންޏެވެ.

"ނޫން. ހުރިހާ އެންމެންވެސް ދާނެ. ފަޒާލް އާއި ހަޔާތު ނޫން."ޒާރާ ހީލަމުން ފަޒާލް މެންނަށް ބަލާލަމުން ބުންޏެވެ.

ފަޒާލް ހަޔާތުގެ އުނަގަޑުގައި ހިފަހައްޓާލި ގޮތަށް ހުރީއެވެ. ދުރުން ފެންނަމުން ދިޔަ ކަނުއަނދިރިގަނޑަށް ހަޔާތު ބަލަމުން ދިޔައެވެ. އެއަނދިރިގަނޑަށް ވުރެން ފަޒާލް ދެކެ އޭނަ ގަންނަ ބިރު ބޮޑެވެ. ހަޔާތުގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. އެނބުރިލާ ވަގުތުވެސް ފަޒާލްގެ ބިރުވެރި ސޫރަ ފެނިދާނެތީ ހަޔާތު ބިރުގަނެވެ. ދައްތަ އަށް ޓަކާ އޭނަ ވީ ގުރުބާނީ އެއްވެސް މާނަ އެއް ނެތް ގޮތެއްގައި ބޭކާރު ވެދާނެތީއެވެ. ދައްތަ އަށް ރަނގަޅު ފަރުވާ އެއް ހޯދަދޭން އޭނަ ބޭނުންވެއެވެ. ދައްތަ އަކީވެސް އޭނަ ގޮތަށް ހިނގާބިނގާ ދުވެ އެއްވެސް އުދަގުލަކާ ނުލާ ވާހަކަ ދެއްކޭނެ މީހަކަށް ހަދަން އޭނަ ބޭނުން ވެއެވެ. އެދައްތަ އަށްޓަކާ އޭނަގެ ދިރިއުޅުން އެއީ އެއްވެސް އެއްޗެއް ނޫނެވެ.

 

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy